.
Site menu
Tag Board
200
Our poll
Rate Our Site hinnavaru.tk
Total of answers: 33
Main » 2008 » November » 8 » މުޙަންމަދު ނަޝީދު: ޖަލުގެ ކުޑަގޮޅިތަކުން ވެރިކަމުގެ އެންމެ މަތީފަޑިއަށް
މުޙަންމަދު ނަޝީދު: ޖަލުގެ ކުޑަގޮޅިތަކުން ވެރިކަމުގެ އެންމެ މަތީފަޑިއަށް
1:29 PM
ފައިވާންކިބަ އަތަށްލައިގެން މަގުމަތީގައި ދުވަން

އުޅުނުމީހެއް. އެވަރުމީހަކު ރައީސްކަންކުރަން ކޮންގޮތަކުން ރަނގަޅީ؟" މިއީ
ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް ރައީސް މައުމޫނަށް ވޯޓްލީ، ވަރަށް
ގާތް ރައްޓެއްސަކު މިހާރުވެސް ބުނަމުންދާ ވާހަކައެކެވެ.
މިރަޙްމަތްތެރިޔާއަށް އޭނާ ދައްކާ ވާހަކައިގެ ޙަޤީޤަތް ނުވަތަ
އެދުވިދުވުންތަކުގެ ނަތީޖާ އޮޅުންފިލުވައިދެވޭތޯ ވަރަށް
މަސައްކަތްކުރީމެވެ. ނަމަވެސް ހަމަހިލާ އެރަޙްމަތްތެރިޔާ ހުރީ
އެހެންގޮތަކަށް ފިކުރުކޮށްލާންވެސް ތައްޔާރަކަށް ނޫނެވެ. މިގޮތަށް
ވިސްނުން ގެންގުޅޭ ކިތަށްމީހުން މިރާއްޖޭގައި އުޅޭނެބާވައޭ ހިތަށް
އަރައެވެ.

މުޙަންމަދު ނަޝީދު ނުވަތަ އެމަނިކުފާނުގެ އެންމެ
މަޤުބޫލު ނަންފުޅުންނަމަ އަންނިއަކީ ދިވެހި ރައްޔިތުންގެ ތަނަވަސް
އަޣުލަބިއްޔަތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް
އިންތިޚާބުކުރެވި، އަންނަ އަންގާރަދުވަހު ކުރިއަށްއޮތް 5 އަހަރަށް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމަށް
ތައްޔާރުވެވަޑައިގަންވަމުން ގެންދަވާ ދިވެހިންގެ މުސްތަޤުބަލުގެ ރައީސެވެ.
ރައްޔިތުންގެ މައްޗަށް އިންސަފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ
ވެރިކަމެއް ކޮށްދެއްވުމަށް އެތައް ވަޢުދުތަކެއް ވެވަޑައިގެންފައިހުންނެވި
ޒުވާން ލީޑަރެވެ.

މިއަދުން ފެށިގެން ކުރިއަށްއޮތް ހަތަރުދުވަހު
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާނެ، މިހާރުގެ ރައީސް
މައުމޫނަކީ ފާއިތުވީ 30 އަހަރު މިދިވެހިރާއްޖޭގައި ރައްޔިތުންގެ މައްޗަށް
ވެރިކަން ކުރައްވަމުން ގެންދެވި ލީޑަރެވެ. އިހަށްދުވަހު ބޭއްވުނު ރިޔާސީ
އިންތިޚާބުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ބުނެފައިމިވަނީ،
އެމަނިކުފާނު ދެން ބޭނުން ނުވާކަމަށެވެ. ޤައުމުގެ ހުންގާނަށް ދެން
ބޭނުންވަނީ، މުޙަންމަދު  ނަޝީދުފަދަ، ޤައުމުގެ ނައު، ރައްޔިތުން ބޭނުންވާ
މިސްރާބަށް ގެންދެވޭނެފަދަ ޒުވާން، ޒަމާނީ ޚިޔާލުގެ ޤާބިލް
ލީޑަރެއްކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމި
ނިންމުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އިޙްތިރާމް ކުރުމަކީ
މަޖުބޫރުކަމެކެވެ. ކަންމިހެން އޮތްނަމަވެސް، ރައީސް މައުމޫނާއެކު
އެހާގިނަދުވަހު އުޅެންޖެހުމުގެ ސަބަބުން، އަމިއްލަ ޖާނަށްވުރެ
އެކަމަނިކުފާނުދެކެ ލޯބިވާ މީހުންވެސް ނުތިބޭނެއެކޭ ބުނެވޭކަށްނެތެވެ.
އެފަދަމީހުންގެ ވިސްނުން ހުންނާނެގޮތުގެ މިސާލެއް ފުރަތަމަ މިބުނެވުނީއެވެ.

އެކަމަކު
ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. ދެފައިވާންކިބަ އަތަށްލައިގެން މާލޭގެ
މަގުތައް މަތީގައި ދުވެފައި އުޅުނު މުޙަންމަދު ނަޝީދަކީ ދިވެހިން އެތައް
ދުވަހެއްވަންދެން ދެކެމުން އައި ހުވަފެނުގައި ކުލަޖައްސައިދިން
ހިތްވަރުގަދަ ލީޑަރެވެ. ދިވެހިންގެ ޤައުމު ދިވެހިންގެ އަތްމައްޗަށް
އަރައިފިކަމުގެ އިޙްސާސް މިއަދު ދިވެހީންނަށް ކުރެވެމުން މިދަނީ
އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުންނެވެ. ދިވެހިރާއްޖޭގައި
ޒަމާނުއްސުރެ ގޮށުމުގެެ ބާރުން ވެރިކަންކުރައްވަމުން ގެންދެވި މައުމޫންގެ
ސަރުކާރުން، އިސްލާޙަށް މަސައްކަތްކުރާމީހުންނަށް ބިރުވެރި މާޙައުލެއް
ޤާއިމްކުރައްވާފައިވާ މިރާއްޖެއަށް މިއަދު އަންނަމުންމިދާ އިސްލާޙީ
ހެޔޮބަދަލުތަކަކީ، ޚުދު މުޙަންމަދު ނަޝީދު، އަންނި، އެއްވެސް
ފަސްޖެހިވަޑައިގަތުމެއް، ބިރުފުޅުގަތުމެއް، ހުއްޓުމެއްނެތި ކުރެއްވި
މަސައްކަތުގެ ނަތީޖާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެދުވަހު
ފައިވާންކިބަ އަތަށްލައިގެން މާލޭގެ އެތަންމިތަނުން ދުވެދުވެފައި
ނޫޅުއްވިނަމަ، މިއަދު ދިވެހިންނަށް މިއާދެވިފައިތިބި ހަރުފަތާއިހަމައަށް
އާދެވިދާނެތޯ، އަމިއްލަ ނަފްސާއި ސުވާލުކުރައްވާށެވެ. އެދުވަހު މުޙަންމަދު
ނަޝީދު މާލޭގެ މަގުތައްމަތީގައި ދުވެދުވެފައި އުޅުއްވިއިރު، ޓީވީ
މޯލްޑިވްސްގެ ކެމެރާމަނުން އެމަނިކުފާނުގެ ފަހަތްޕުޅުން ދުވެ
އުޅުނުތަންވެސް ފެނުނެވެ. އެމަންޒަރުތައް ޤައުމީ ޓީވީން ބަލައި
އެތައްބަޔަކު ހީނހީނފައިވެސް އުޅުނެވެ. އެކަމަކު އެދުވަހު
އުޅުއްވިގޮތާއިމެދު ހީނހީނފައި އުޅުނުމީހުންނަށް އެއީ، މިޤައުމުގެ
މުސްތަޤުބަލުގެ ރައީސަށް ވެދާނެކަމަށް ހިތަށްވެސް ނަރާނެކަން ޤައިމެވެ.
މިއަދު އެކަން ޙަޤީޤަތަކަށްވުމުން ޤަބޫލުނުކުރެވިގެން އުޅޭމީހުންނަށް
ދިމާވެގެން އެއުޅެނީ އެގޮތެވެ.

ދެކުނު އެފްރިކާގެ ނަސްލީ
އިމްތިޔާޒުގެ ދޮންމީހުންގެ ސަރުކާރާއި ދެކޮޅަށް، ކަޅުމީހުންގެ ޙައްޤުގައި
ހަނގުރާމަކުރި ނޭލްސަން މަންޑޭލާއާއިބެހޭގޮތުން މީހަކާއި ސުވާލުކޮށްފިނަމަ
ބުނާނީ، އެއީ މުޅި ދުނިޔޭގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ
ލީޑަރެއްކަމަށެވެ. މަންޑޭލާވެސްވަނީ، ކަޅުމީހުންގެ ޙައްޤުގައި ކުރި
ހަނގުރާމައިގައި ހައްޔަރުވެ، ޖަލުގައި 27 އަހަރު ހޭދަކުރައްވާފައެވެ.
އެކަމަކު ޖަލުން ނުކުމެވަޑައިގެން އިސްވެވަޑައިގެންނެވީ ޤައުމުގެ
ވެރިޔަކަށެވެ. މިއީ ޤުދުރަތީ ޤާނޫނު ހަމަޖެހިފައި އޮންނަގޮތެވެ. ޤުދުރަތީ
ޤާނޫނަކާއި އެއްވެސް އިންސާނަކަށް ނުކުޅެވޭނެއެވެ. މަންޑޭލާއަށް މުޅި
ދުނިޔެއިން ޢިއްޒަތްދޭއިރު، ކަޅުމީހުންގެ ޙައްޤުގައި ކުރި
ހަނގުރާމައިގައި، ހަތިޔާރާއެކު ނުކުމެ، ޢާންމު އެތައްބަޔަކުވެސް
މަރާފައިވެއެވެ. އިންސާނިއްޔަތާއި ޚިލާފް އެތައް ޢަމަލުތަކެއްވެސް
ހިންގަވާފައިވެއެވެ. އެއީ މަންޑޭލާގެ މުޅި ޙަޔާތްޕުޅުގައި ތާއަބަދަށް
ޖެހިވަޑައިގެންފައިވާ ކަޅު ލައްގަނޑެއްކަމަށް އޭނާވެސް
ޤަބޫލުކުރައްވައެވެ. އެކަމަކު ދެކުނު އެފްރިކާއިން ނަސްލީ ތަފާތުކުރުން
ފޮހެލުމަށް މަންޑޭލާ ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން، އެކަޅު
ލައްގަނޑުގެ ވާހަކަ ދުނިޔޭގެ މީހުން ދައްކައި ނޫޅެއެވެ. ދުނިޔެ
ބަލައިގެންފައިވަނީ މަންޑޭލާ ކުރެއްވި ހަނގުރާއިގެ އާޚިރު ފޮނި
ނަތީޖާއެވެ.

މިއުޅެނީ މުޙަންމަދު ނަޝީދު، އަންނިއާއި މަންޑޭލާ
އެއްފަދަކުރާކަށްނޫނެވެ. އެކަމަކު އެތައް ޒަމާނެއްވަންދެން، ހުރިހާ ބާރެއް
އަތްދަށުގައިއޮވެގެން، އެންމެމީހަކު ކުރަމުން އައި ދިގުލީ ވެރިކަމުގެ
ފަރާތުން ރައްޔިތުންނަށް ދެމުންދިޔަ އަނިޔާތަކާއި، ނިގުޅައިގެންފައިވާ
ޙައްޤުތަކުގެ ވާހަކަތައް ލިއުއްވުންތަކުގެ ޒަރީޢާއިންނާއި،
އެނޫންގޮތްގޮތުން ފާޅުގައި ރައްޔިތުންނަށް އަންގައިދީ، އެކަންކަމަށް
ރައްޔިތުން ލޯހުޅުވިގެންދިޔައީ އެމުޙަންމަދު ނަޝީދު ފެށްޓެވި
މަސައްކަތްޕުޅުތަކާއި، އެކަމުން ފަޅައިގެންދިޔަ ކުރިތަކުގެ ސަބަބުންނެވެ.
މިކަމުގެ ތެރޭގައި މުޙަންމަދު ނަޝީދު 13 ވަރަކަށް ފަހަރު
ޖަލަށްލާފައިވެއެވެ. ނުޙައްޤު ބޮޑެތި އެތައް އަނިޔާތަކެއް ލިބިފައިވެއެވެ.
މިހާރު ހިނގަމުންމިދާ ސަރުކާރުން މުޙަންމަދު ނަޝީދުގެ އިސްތަށިފުޅުގައި
ވައްކަމުގެ އިލްޒާމު އަޅުވައި، ޝަރީޢަތް ހިންގައި އެންމެފަހުން
ޖަލަށްލާފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެފަހުން ޖަލުން
ދޫކޮށްލެއްވުމުން 2003 ވަނައަހަރު އަމިއްލަފުޅު ވަޒަން ދޫކުރައްވައި
ޤައުމުން ބޭރަށް އަމިއްލަފުޅަށް އަރުވާލެވިގެން 18 މަސްދުވަހެއްހާ
މުއްދަތަށް ހުންނެވިއެވެ. އެހުންނެވި މުއްދަތުގައި، މާފުށީ ޖަލުގައި ހިނގި
ބަޑިޖެހުމުގެ ޙާދިސާތަކާއިގުޅިގެން މިދިވެހި އުންމަތް އިސްލާޙަށް އެދި
ކެކި އަރަންފެށިއެވެ. ޒަމާނުއްސުރެ މިޤައުމުގައި ވެރިކަމަށް އޮތް
ގަންނާކުރައްވާބިރު ފިލައިގޮސް، ފާޅުގައި އެތައްބަޔަކު އިސްލާޙަށް
ނުކުތެވެ. އޭރުވެސް، ޤައުމުން ބޭރުގައި ހުންނަވައިގެން މުޙަންމަދު ނަޝީދު،
އެމަނިކުފާނު ކުރައްވަމުން ގެންދެވި އިސްލާޙީ މަސައްކަތްޕުޅު
ހުއްޓާނުލައްވައި ކުރިއަށް ގެންދެވިއެވެ. އެމަނިކުފާނު މިހާރު
ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ ވުޖޫދަށް އައީވެސް މިމުއްދަތުގެ
ތެރޭގައެވެ. އަމިއްލަފުޅަށް އަރުވާލެވިގެން ޤައުމުން ބޭރުގައި
ހުންނެވުމަށްފަހު، މުޙަންމަދު  ނަޝީދު، ރައްޔިތުންގެ ބަޠަލެއްގެ
ދަރަޖައިގައި އެނބުރި ރާއްޖެވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. މިއީ
އެމަނިކުފާނުގެ އިސްލާޙީ މަސައްކަތްޕުޅު މެކުހަށްޖެއްސެވި ހިސާބެވެ.
މުޙަންމަދު ނަޝީދު ރާއްޖެވަޑައިގެންނެވިތާ ތިންމަހެއްހާ ދުވަހުގެ ތެރޭގައި
ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގުން ޤާނޫނީގޮތުން
ހުއްދަވެގެންވެސްދިޔައީއެވެ. މިއީވެސް ކުޑަކަމެއްތޯއެވެ. ރައީސް
މައުމޫންގެ ސަރުކާރުން މުޙަންމަދު ނަޝީދު، އަންނިއާއި ދެކޮޅަށް
ފާޅުގައާއި، ސިއްރުގައި ހިންގަމުންދިޔަ ޖަރީމާތައް ހުއްޓި، އެހެން
އެއްވެސްގޮތެއް ނެތިގެން، މުޙަންމަދު ނަޝީދު އެކުރައްވާކަމެއް ކުރައްވާން
ދޫކޮށްލައްވަން މަޖުބޫރުވީ، މުޙަންމަދު ނަޝީދު ކުރައްވަމުން ގެންދެވި
އިސްލާޙީ މަސައްކަތަށް ދިވެހި ރައްޔިތުންގެ ތާޢީދު ލިބި،
ދިވެހިރައްޔިތުންގެ ޝުޢޫރު ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަޑުއިވި،
ރައްޔިތުންގެ ފަރާތުންނާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން
ކުރިމަތިކުރަންފެށި ފިއްތުންތަކުގެ ސަބަބުންކަމީ އެންމެންވެސް
ޤަބޫލުކުރާނެ ޙަޤީޤަތެކެވެ.

މަންޑޭލާއާއި އެއްވަރަށް މަސައްކަތް
ކުރައްވަން ޖެހިވަޑައިނުގެންނެވިނަމަވެސް، ކުރިމަތިވެވަޑައިގެންނެވި
ނުޙައްޤު ހުރިހާ އަނިޔާތަކާއި، ޖަލުގެ ކުޑަގޮޅިތަކުން ލިބެމުންދިޔަ
އަނިޔާތަކާއި، ވޭނާއި ކެކުޅުންތައް ތަޙައްމަލްކުރެއްވުމަށްފަހުވެސް،
ދިވެހިރައްޔިތުންގެ ޙައްޤުގައި، މިޤައުމަށް އިސްލާޙީ ހެޔޮބަދަލު،
މިޤައުމުގައި ރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް ޤާއިމްކޮށްދެއްވުމަށް
މުޙަންމަދު ނަޝީދު ކުރެއްވި އަގުނުކުރެވޭ ގިނަގުނަ މަސައްކަތްޕުޅުތަކުގެ
ނަތީޖާއަކީ، އަންނަ އަންގާރަދުވަހުން ފެށިގެން ކުރިއަށްއޮތް 5 އަހަރަށް
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ދިވެހި ރައްޔިތުން
އެމަނިކުފާނު އިންތިޚާބުކުރުމެވެ. ރައްޔިތުންގެ މައްޗަށް ރައްޔިތުން
އެދޭފަދަ ވެރިކަމެއް ކުރުމަށް ރައްޔިތުން އެމަނިކުފާނު
އިޚްތިޔާރުކުރުމެވެ. އެހެންކަމުން އެދުވަހު "ޖޯކަރެއް" ހެން އުޅުއްވި
ވާހަކަ މިއަދަކު ދައްކާނެކަމެއް ނެތެވެ. މަންޑޭލާގޮތަށް މުޙަންމަދު
ނަޝީދުގެ ޙަޔާތްޕުޅުގައި އެމަނިކުފާނު ތާއަބަދަށް ހިތާމަކުރައްވާނެ "ކަޅު
ލައްގަނޑެއް" ނެތެވެ. އެފަދަ ކަމެއް ކުރައްވާފައެއް ނުވެއެވެ.

ނިމިގެންދިޔަ
ރިޔާސީ އިންތިޚާބަކީ ރައީސް މައުމޫންގެ 30 އަހަރުވީ ދިގު ވެރިކަމުގައި
އެމަނިކުފާނު އިދިކޮޅު ކެންޑިޑޭޓަކާއިއެކު ވާދަކުރައްވަން
ޖެހިވަޑައިގެންނެވި ފުރަތަމަ އިންތިޚާބެވެ. ދިވެހި ތަރީޚްގައިވެސް ސިޔާސީ
ޕާޓީތަކަށް ވާދަކުރެވޭގޮތަށް ބޭއްވުނު ފުރަތަމަ މިނިވަން، އިންސާފުވެރި
އިންތިޚާބެވެ. ޑިމޮކްރަސީގެ ހަމަތަކުގެމަތިން ބޭއްވުނު ފުރަތަމަ
އިންތިޚާބުވެސް މެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ މުއްދަތުގައި
ވާދަވެރިގޮތެއްގައި ބޭއްވި ފުރަތަމަ އިންތިޚާބުގެ ދެވަނަބުރުގައި
އެމަނިކުފާނާއި ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ، އެއްކަލަ
ދެފައިވާންކިބަ އަތަށްލައިގެން ދުވެއުޅުނު މީހާއެވެ. ރައީސް މައުމޫނުގެ
ސިޔާސީ އެންމެބޮޑު "ހަތުރެވެ". އެމީހެއްގެ ސަބަބުން ރައީސް މައުމޫން
އަމިއްލަފުޅު ތަރިކައެއްގެގޮތުގައި އޮތް މިޤައުމު
އަތުންދޫވެގެންގޮސްފައިވާ މީހާއެވެ. ވެރިކަންކުރުމުގެ ޤާބިލްކަމެއްނެތް،
އެކަމަށް ކުފޫ ހަމަނުވާކަމަށް ބުނިމީހާއެވެ. "ކަނޑުން އަރައި، ގައިން
ލޮނުވެސް ނުފިލާހުރި އެއްކަލަ ކަޅު ހިކި ކުއްޖާ" އެވެ. އެކަމަކު ޤުދުރަތީ
ޤާނޫނު ނިކަން ވިސްނާލައްބަ ބަލާށެވެ. 30 އަހަރުގެ ތަޖުރިބާއާއިއެކު
ވެރިކަންކުރައްވަން، ރާއްޖެ އާއުސްމިންތަކަށް ގެންދަވަން ނުކުންނެވި
ލީޑަރުގެ މައްޗަށް ދިވެހި ރައްޔިތުން ޚިޔާރުކުރީ އެއްކަލަ
ކުފޫހަމަނުވާކަމަށް ބުނި "ކަޅު ހިކި ކުއްޖާ" އެވެ. އެއީ މާދަމާ މިޤައުމުގެ
ޒަޢީމެވެ. ރައީސުލްޖުމްހޫރިއްޔާއެވެ. ރައްޔިތުންގެ އެތައްބައެއްގެ
ޤަދަރާއި އިޙްތިރާމާއި ލޯބި ލިބިވަޑައިގެން ހުންނެވި ޒުވާން ލީޑަރެވެ.

ވަކި
ފަރުދެއްނަމަވެސް، ޖަމާޢަތެއްނަމަވެސް، ޤައުމެއްނަމަވެސް، ކަމެއް
ހާޞިލްކުރެވޭނީ ހޭދަތަކަކާއި، ޤުރުބާނީތަކެއްވެސް ކޮށްގެންނެވެ.
މިޤައުމަށް މިއަންނަމުންދާ އިސްލާޙީ ހެޔޮބަދަލުތަކަކީ ވަކިމީހަކު
ގެންނަމުންދާ އިސްލާޙީ ބަދަލުތަކެއްކަމަށް ބުނެ ކިތަންމެ ހަރުއަޑުން
ގޮވިޔަސް، މިބަދަލުތައް ގެނައުމުގައި މުޙަންމަދު ނަޝީދު ކުރެއްވި ބުރަ،
ގިނަގުނަ މަސައްކަތްޕުޅުތައް ހަނދާން ނައްތާލައިގެން ނުވާނެއެވެ.
މިޤައުމަށް އަންނަމުންދާ އިސްލާހީ ހެޔޮބަދަލުތަކުގެ ޙަޤީޤީ ހައްޤުވެރިޔަކީ
މުޙަންމަދު ނަޝީދުކަން ތާރީޚް ހެކިދޭނެއެވެ.

އަންނަ
އަންގާރަދުވަހަކީ އެމަނިކުފާނުގެ ނަންފުޅު މިދިވެހި ތާރީޚްގައި، އިސްލާޙީ
ބަދަލުތައް މިޤައުމަށް ގެންނެވި ވެރިއެއްގެގޮތުގައި، ރަން އަކުރުން
ލިޔެވިގެންދާނެ ދުވަހެވެ. ދިވެހި ތާރީޚްގެ މުޅިން އާޞަފްޙާއެއް
ހުޅުވިގެންދާނެ ދުވަހެވެ. މިރާއްޖެ މުޅިން އާރާއްޖެއަކަށް "އަނެއް
ދިވެހިރާއްޖެއަށް" ނޭވާލާ ދުވަހެވެ.
</font>

Views: 1441 | Added by: Administrator | Rating: 0.0/0 |
Total comments: 0
Only registered users can add comments.
[ Registration | Login ]
Login form
News calendar
«  November 2008  »
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
30
Search
Site friends
Statistics

Total online: 1
Guests: 1
Users: 0
Copyright MyCorp © 2024